މިމަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިމަހުގެ 1 އިން 22 އާ ހަމައަށް ޖުމްލަ 119 ސްކޭމްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މި މައްސަލަތަކުގައި 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރިޕޯޓް ކުރެވުނު ސްކޭމްގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ އީ-ކޮމާސް އާއި ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ. އީ-ކޮމާސް ސްކޭމްގެ 61 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ފޯނުން ގުޅައިގެން ހިންގާފައިވާ ސްކޭމްގެ 26 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 13 މައްސަލައާއި، އެހެނިހެން 14 މައްސަލަ އަދި އިންވެސްޓްމެންޓް ސްކޭމްގެ 2 މައްސަލަ އަދި ފިޝިން ސްކޭމްގެ 1 މައްސަލަވެސް ހިމެނެއެވެ.
މި ސްކޭމްތައް ހިންގުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކެވެ. އެގޮތުން ފޭސްބުކް، ވައިބަރ، ޓެލެގެރާމް، އަދި ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތަކަކީ ސްކޭމްކުރާ ފަރާތްތަކުން އެންމެ ގިނައިން ބޭނުންކުރާ ވަސީލަތްތަކެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ސްކޭމް ސެންޓަރުން އަބަދުވެސް ދަނީ އިރުޝާދު ދެމުންނެވެ.
އާންމުން ސަމާލުވުމަށް އެދި ފުލުހުން ދެއްވާ އިރުޝާދުތަކުގެ ތެރޭގައި އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ޙިއްސާ ނުކުރުން ހިމެނެއެވެ. އަދި ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވެ، މެސެޖުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.




