ވޭތުވެދިޔަ 2 އަހަރު ތެރޭގައި ސްޓެލްކޯއިން 15 ރަށެއްގައި ކޭބަލް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓްލްކޯއިން ބުނީ، އަތޮޅުތެރޭގެ ކަރަންޓު ނެޓްވަރކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ 2 އަހަރު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ 15 ރަށެއްގައި ކޭބަލް އަދި އެހެނިހެން ވަޞީލަތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނިގޮތުގައި އަތޮޅު ތެރޭގައި ސްޓްލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަކީ ރައްޔިތުންނަށް ބަރޯސާވެވެނިވި، ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމަށް ވަކިވަކި ރަށްރަށުގެ ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން މާލޭ ސަރަހައްދުން ބޭރުގައި މި ދެ އަހަރު ތެރޭގައި ނެޓްވޯކް އަޕްގްރޭޑް ކުރެވުނު 15 ރަށުގެ ތެރޭގައި ހިމެނެނީ ކ. މާފުށި، ކ. ހިންމަފުށި، ކ. ތިލަފުށި، ކ. ގުރައިދޫ، ކ. ތުލުސްދޫ، ކ. ގުޅި، ކ. ދިއްފުށި، އަދި އދ. މަހިބަދޫ، އއ. ތޮއްޑޫ، އއ. ފެރިދޫ، އއ. ބޮޑުފޮޅުދޫ، ވ. ފެލިދޫ، ވ. ތިނަދޫ، އަދި ވ. ފުލިދޫއެވެ.
އަދި މި މަސައްކަތުގެ ދަށުން މި ރަށްރަށުގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.



