ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން ’އަމާން ހިޔާ‘ އަށް ބަދަލުކުުރުމަށް އެތަން މަރާމާތު ކުރުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާޙީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ވިލިމާލޭގައި މިހާރު ޚިދުމަތް ދެމުންދާ ހޮސްޕިޓަލު ތަޅާލައި، އެތަނުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.
އެމްސީޖީއެޗުން ބުނީ ޚިދުމަތް ބަދަލުކުރާ އަމާން ހިޔާގެ އިމާރާތުގެ ކުރެހުންތައް މިހާރު ނިމިފައިވާއިރު، އަމާޒަކީ މި އަހަރުގެ ނިޔަލަށް ވަގުތީ އިމާރާތުގެ ސެޓަޕުގެ މަސައްކަތް ނިންމައި ހޮސްޕިޓަލުގެ ޚިދުމަތްތައް އެތަނަށް ބަދަލުކުރުން ކަމަށެވެ. އަދި އައު ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްސީޖީއެޗުން ބުންޏެވެ.
ޗައިނާގެ އެހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ޤާއިމުކުރެވޭނެއެވެ.
ވިލިމާލޭގެ 15،000 އަށްވުރެ ގިނަ މީހުންގެ އާބާދީއަށް މިހާރު ހުރި ހޮސްޕިޓަލުން ފުރިހަމަ ޚިދުމަތެއް ނުދެވޭކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އާދެއެވެ. މިހާރުގެ ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް ހުރީ އެންމެ 3 ކޮޓަރިއެވެ. އަދި އިމަރޖެންސީގައި ބޭނުންކުރަނީ 5 އެނދެވެ.
މިކަމުގެ ސަބަބުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ ވިލިމާލެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.



