ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި 850 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާއި ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތުގެ އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުޙައްމަދު ވިޝާމްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެއެވެ.

މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެކެވެ.



