އުމުރުން 89 އަހަރުގައި ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މަރުވެއްޖެއެވެ.
ދަރްމެންދުރަ މަރުވިކަން ”ފިލްމުފެއާ“ އާއި ”ހިންދުސްތާން ޓައިމްސް“ އިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.
ދަރްމެންދުރާގެ ހާލު ގޯސްވެ މި މަހު ކުރީކޮޅު ވަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މި ފަރުވާގެ ތެރޭގައި ހާލު ވަރަށް ބޮޑަށް ދެރަވެ ވެންޓިލޭޓަރުގައި ވެސް ބާއްވައިގެން ފަރުވާ ދިނުމަށް ފަހު، މިދިޔަ ހަފުތާގައި އޭނާ ވަނީ ގެއަށް ދޫކޮށްލާފައެވެ.
ދަރްމެންދުރަ އަކީ 60 އަހަރަށް ވުރެ ދިގު ފިލްމީ ކެރިއަރެއްގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ތަރިއެކެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި އެކްޝަން، ޑްރާމާ، ކޮމެޑީ އަދި ލޯބީގެ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވާ ފިލްމުތަކުގެ ތެރޭގައި ޝޯލޭ، ޗުޕް ޗުޕް ކޭ އަދި ރާމް ބަލްރާމް ފާހަގަކޮށްލެވެއެވެ.
އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ އިންނެވެ. އަދި އަންނަ މަހު ރިލީޒްކުރާ ހަނގުރާމަ މަތީ ފިލްމު އިއްކިސް ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފައެވެ.
ދަރްމެންދުރަ މަރުވުއިރު، އޭނާގެ ދެ އަނބިންނާއި ހަ ކުދިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ ހަގު އަތްނބަކީ ކުރީގެ މަޝްހޫރު އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހެމާ މާލިނީ އެވެ. ހެމާ އާއި ދަރްމެންދުރަ އަށް ދެ ކުދިން ލިބިފައިވާއިރު، އޭގެ ތެރެއިން އީޝާ ޑިއޯލް އަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރި ތަރިއެކެވެ.
ދަރްމެންދުރަގެ ދޮށީ އަނބި ޕްރަކާޝް ކޯރަށް ލިބުނު ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ.



