ފްރާންސްއިން ރާއްޖެއަށް ބައިލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފްރާންސަކީ، މިހާރު ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފްރާންސްއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ، ބައިލައްކައަށް އަރާފައެވެ. އެގޮތުން މިމަހުގެ 22 ވަަނަ ދުވަހުގެ ނިޔަލަށް ފްރާންސްއިން ރާއްޖެއަށް 50،282 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ 2.6 އިންސައްތައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,969,726 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,790,268 ފަތުރުވެރިންނާ އަޅާ ބަލާއިރު، 10 އިންސައްތަ އިތުރު ޢަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާ (307,722)، ރަޝިއާ (248،308)، އިނގިރޭސިވިލާތް (175،874)، ޖަރުމަނުވިލާތް (148،612)، އަދި އިޓަލީވިލާތް (128،286) ހިމެނެއެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ގޮތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން %73.6 ފަތުރުވެރިން ވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި %21.5 ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި މަޑުކޮށްފައެވެ.
ސަރުކާރުން މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، މިހާރު 2 މިލިޔަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާތީ، އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 3 ލައްކައެއްހާ ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.




