އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަގްސަދެއް ނޫން ކަމަށާއި ޒާތީ މައުލޫމާތެއް ހާމަކުރެވިފައިވާނަމަ އެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މާފަށް އެދިލައްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެންމެ ފަހުން ވިލިމާލޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެކަނިވެރި މަޔަކު، ޒަކާތު ފަންޑުން އެހީ ނުލިބޭ ކަމަށް ބުނެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި އައިޝާ ނަމަކަށް ކިޔާ އެ އަންހެންމީހާގެ ވާހަކަތައް ހިމެނޭ ވީޑިއޯއަކާ އެކު ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އެހީއަކަށް އެދުމުން އޭނާއަށް ޒަކާތު ހައުސް އިން މިދިޔަ ސެޕްޓެމްބަރު މަހު 15،500ރ. ދީފައިވާ ކަމަށެވެ.
އަދި އޭނާ ފަގީރުންގެ ލިސްޓަށް ނާރަނީ އެކަނިވެރި މައިންގެ އިނާޔަތް ލިބޭ މީހަކަށް ވެފައި، ވަޒީފާއިން ލިބޭ މުސާރައާ އެކު މަހަކު 22،000.ރ ގެ އާމްދަނީއެއް ލިބޭތީ ކަމަށް ވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
އެކަމާއި ގުޅިގެން ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ހާލެއްގައި އެފަރާތުގެ އެކައުންޓުގެ މައުލޫމާތު ހާމަކުރީ ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދުގައި ނޫން ކަމަށާއި ޒާތީ މައުލޫމާތު ހާމަކުރެވިފައިވާނަމަ މާފަށް އެދޭ ކަމަށެވެ.
”އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުޢޫރަށް ނުހަނު މަތީ ދަރަޖައަށް އިޙުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މައާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތުގެ ކަމަކާ ގުޅިގެން އެފަރާތުން ހާމަކުރި މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހާމަކުރެވިފައިވާ މައުލޫމާތަކަށް ވާތީ، ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުންދަނީ އަދުލުވެރިކަމާއި އިންސާފުންކަމާއި އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތިންކަން ކަށަވަރުކޮށްދެއްވުމަކީ މަގްސަދު ކަމުގައި ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުޢީ ގޮތުން ޝަރުޠު ފުރިހަމަވާ ޙައްޤު މީހުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިއްބެވި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކު ކަމަށާއި، އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފަގީރުންގެ ދަފްތަރުގައި ހިމެނުމަށް އެމީހަކު ހުށަހަޅާ ޑޮކިއުމަންޓްތަކަށް ބަލައި، ރާއްޖޭގައި ކަނޑައަޅާފައި ހުންނަ އުސޫލުތަކުން ފަގީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމެނޭނެ ކަމަށާއި، އެކަމުގެ ސަބަބުތައް ވެސް އެފަރާތްތަކަށް ބަޔާންކޮށްދޭ ކަމަށެވެ.




