ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ.
އާރްޑީސީން ބުނީ، ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަރީދީ މަގުގައި ކީވޯލް ފޯމްވޯކްގެ މަސައްކަތް ކުރުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ދޮށިމޭނާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އާރްޑީސީއިން ބުންޏެވެ.

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އޮގަސްޓް މަހު އެ ރަށުގެ ޝަމްސުއްދީން މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އާރްޑީސީން ވަނީ ކޮށްފައެވެ. އަދި މީގެ އިތުރުން ޝަހީދު އަލީ ހިނގުމުގައި މަގު ކޮނުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ މަގުތަކުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މި މަޝްރޫޢުގެ މަސައްކަތް މާ ބޮޑަށް ކުރިއަށް ގެންގޮސްފައެއް ނެތެވެ.



