މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެކު ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައުދުގެ މައްޗަށް ދައުވާކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ރައުދު ވަނީ މިދިޔަ ހަފުތާގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އިއުތިރާފު ވެފައެވެ. މި ދައުވާގެ އަސާސީ އަދަބަކީ ޖަލުގައި އެއް މަހާއި ހަ ދުވަހުގެ މުއްދަތެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި ރައުދުގެ މައްޗަށް ދައުވާކުރާ ސަބަބަކީ، ޔުމްނު ފެންޓެނޯއީ ގެއިން މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިވެދީފައި ނުވުމާއި، އަދި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީއެވެ.
މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅުގައެވެ. ހާދިސާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ރައުދު ކުރިން ބަންދު ކުރި ނަމަވެސް، އޭނާ ދޫކޮށްލަން ޕީޖީ އޮފީހުން ފުލުހުންނަށް އިރުޝާދު ދިނެވެ.
އެއީ ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީއެވެ.



