ކުރިއަށްއޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ދިރިއުޅެން ވަދެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަށްގޯޅީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޓަވަރުތަކަށް މީހުން ވަނުމަށް ކުރަންޖެހޭ ކަންތައްތައް އެފްޑީސީން ކުރަމުންގެންދާ ކަމަށާއި، މިގޮތުން ފަންގިފިލާތަކަށް ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ.
މި މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އެފްޑީސީގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.
ޖުމްލަ 32 ޓަވަރު ހިމެނޭ މި މަޝްރޫއުގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް އެންބީސީސީން ކުރިއަށް ގެންދާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް 2،000 ފްލެޓުގެ މަސައްކަތް ކޮށްފައިވެއެވެ.
މި ޓަވަރުތަކުގައި ހިމެނެނީ ޖުމްލަ 4000 އެޕާޓްމަންޓެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ 2800 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 1200 އެޕާޓްމަންޓް ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެއް ކަމަށްވާއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ ޔުނިޓްތަކެކެވެ.
ރައީސް ވިދާޅުވީ، ފްލެޓްތަކުގެ ތަންތަން ނިމެމުންދާ ކަމަށާއި، މިހާރު އެފްޑީސީން ކުރިއަށްގެންދަނީ ކަރަންޓާއި އެ ނޫންވެސް ހިދުމަތްތައް ފްލެޓްތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ.
”ޑިސެމްބަރު ނިމެންވާއިރު، ގިނަ ފްލެޓްތައް ލިބިފައި ހުރި ފަރާތްތަކަށް، ނިންމާފައި ހަވާލު ކުރެވޭނެ ކަމަށް މިރޭވެސް އަޅުގަނޑަށް ޔަގީންކަން ދެއްވާފައި ވީ، ނުނިމޭ ތަންތަންވެސް ސްކޫލް ހުޅުވެންވާއިރަށް، އާ ދިރާސީ އަހަރަށް ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމަށް ޔަގީން ކަން ދެއްވާފައި ވަނީ.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މި މަޝްރޫއުގައި އެމަނިކުފާނުގެ ސަރުކާރުން އިތުރު ބަދަލެއް ނުގެނެސް، ކުރީ ސަރުކާރުން އެކުލަވާލާފައިވާ ލިސްޓާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އޮތް ލިސްޓަށް ކުރިއަށް ގެންދަން ކަމަށާއި، ވައުދުގައި އޮތް ކަމެއް ހިލާފުވާން ބޭނުންނުވާތީ އޮތް ލިސްޓަށް ދީ ނިންމަނީ ކަމަށް ރައީސް ވިދާޅުވިއެވެ.




