މި ސަރުކާރުން ލޯކަލް ގަވަމަންޓް މިނިސްޓްރީ އުފައްދާފައިވާތީ އަތޮޅު ކައުންސިލްތަކެއް ދައުރެއް މިހާރު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަތޮޅު ކައުންސިލްތައް އުވާލާ ބިލު ފާސްކުރުމާއި ގުޅިގެންނެވެ.
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާ ގުޅޭ ބައި އުނިކޮށް އެ މާއްދާތައް އިޞްލާޙު ކުރުމަށް އަންގާރަ ދުވަހު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ޤާނޫނު އަސާސީއަށް ގެންނެވި އިޞްލާޙަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާޙެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
އަދި މި އިޞްލާޙު ފާސްވުމުން ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ގާސިމް ވަނީ އިޚްލާޞްތެރި މަރުޙަބާ އާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ.
ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖުރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަން ޖެހޭ ލޭޔަރ އެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ.
ޚާއްޞަކޮށް 2023 ގައި މި ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީ، އެ ވުޒާރާއިން ޒިންމާދާރުކަމާއެކު ލޯކަލް ޤަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ރަށު ކައުންސިލްތަކުގެ ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށް ނެތްކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި މުވައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި، ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދު ކުޑަވެގެން ދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނެ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.
މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންނެވެ.




