ސަރުކާރުގެ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވާފައިވާ ޕްރޮގްރާމުގެ ދަށުން ރޭ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް ރާއްޖެ އަންނާނެ ކަމަށާއި، އެއާއެކު މަސައްކަތް އިތުރަށް ހަލުވިވެ، އަންނަ އަހަރުގެ މާރިޗް މަހު ރަސްމާލޭ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިވަގުތުވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ސަރަޙައްދެއްގައި ކުރިއަށްދާ ކަމަށެވެ. ރަސްމާލެއަކީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ނިންމާފައިވީނަމަވެސް، ފުރަތަމަ ބުރުގައި ދޫކުރާނީ 15,000 ގޯތި ކަމަށެވެ.
ރަސްމާލޭގެ ބިން ހިއްކާ ނިމޭއިރު، އެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން ގޯތި ލިބޭ ފަރާތްތަކަށް މަސައްކަތް ނިމުމާއެކު ބިމުގެ ބޭނުންކުރަން ފެށުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.



