ސްޓެލްކޯގެ ހުޅުމާލޭގެ ބައު އިންޖީނުގޭގައި މަސައްކަތް ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި މުވައްޒަފަކު ފިހިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އަދި އެ ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ސްޓްލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ ބާ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މިއަދު ހުޅުމާލެ އާއި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
ސްޓްލްކޯއިން ބުނީ، ކަރަންޓު މެދުކެނޑެން ދިމާވީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފް ވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކޮށް މިހާރު ދަނީ ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދެމުން ކަމަށް ސްޓްލްކޯއިން ބުންޏެވެ.
ސްޓްލްކޯއިން އިތުރަށް ބުނީ، މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓްލްކޯއިން ވަނީ މައާފަށް އެދިފައެވެ.



