މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ ދިވެހީންގެ މެދުގައި ދިވެހި ތާރީޚަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމެވެ. އަދި ހުރަވީ ދުވަހާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމާއި، ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިން މި ޤައުމަށް ވެވަޑައިގެން ޤުރުބާނީއާއި އެމަނިކުފާނުގެ ހަޔާތްޕުޅުން ނެގޭ ފިލާވަޅުތައް ރަމްޒުކޮށްދިނުމެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި މުބާރާތް ހުޅުވާލާފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގިންތީގައި ހިމެނެނީ 21 އަހަރާއި 21 އަހަރުން ދަށުގެ ފަރާތްތަކެވެ. ދެވަނަ ގިންތީގައި ހިމެނެނީ 21 އަހަރުން މަތީގެ ފަރާތްތަކެވެ.
މި ދެ ގިންތީގެ އުފެއްދުންތައް އިންސާފު ކުރުމާއި، މާކުސް ދިނުން އޮންނާނީ މުޅިން ވަކީންނެވެ. ހުށަހަޅާ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮންނަންވާނީ، ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ ހަޔާތްޕުޅުގެ މައްޗަށެވެ. އަދި އުފެއްދުމުގެ ދިގުމިން ވާންވާނީ 10 މިނިޓާއި 15 މިނިޓަށް ފެތޭ އުފެއްދުމަކަށެވެ.
މުބާރާތުގެ މުހިއްމު ޝަރުޠެއްގެ ގޮތުގައި މިނިސްޓްރީން ހާމަކުރީ، އެއްވެސް މަންޒަރެއްގައި ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިންގެ މޫނުފުޅު ސިފަކޮށް ކުރިމަތިން ފެންނަ ގޮތަށް ދައްކައިގެން ނުވާނެ ކަމަށެވެ. އެއީ ރަސްމީ ނުވަތަ އިތުބާރު ހިފޭ އެއްވެސް އެއްޗަކުން އެމަނިކުފާނުގެ ސިފަތައް އެނގެން ނެތުމުން، ތާރީޚީ އޮޅުމެއް ނާރާ ގޮތް ހެދުމަށްޓަކައެވެ.
ވީޑިއޯގައި އަސްލު މީހުން ނުވަތަ އަސްލާ އެއްގޮތް ކަރެކްޓާސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ވީޑިއޯގެ ރޭޓިންގ ވާންވާނީ ހުރިހާ އުމުރު ފުރައަކަށް ބެލޭ އުފެއްދުމަކަށެވެ. ހުށަހަޅާ ފަރާތުގެ ނަންވެސް ވީޑިއޯގެ ފެށުމުގައި ފެންނަންވާނެއެވެ.
މީގެ އިތުރުން، ހުށަހަޅާ އުފެއްދުމުގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފުވާ ފަދަ ވާހަކަތަކާއި، މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަތަކާއި، މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނެ ފަދަ ވާހަކަތައް ހިމަނައިގެން ނުވާނެއެވެ. އަދި ކުރިން ޢާންމު ކުރެވިފައިވާ އުފެއްދުމަކަށް ވެގެންވެސް ނުވާނެއެވެ.
މި މުބާރާތުން ވަނަ ވަނައަށް ދާ ކުރު ފިލްމު ނުވަތަ ވީޑިއޯ ކުލިޕްތަކަށް ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. ދެ ގިންތިންވެސް 1، 2، 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، 1 ވަނައަށް ހޮވޭ ކުރު ފިލްމު ނުވަތަ ވީޑިއޯ ކުލިޕަކަށް 15،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.




