އަންނަ އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގާ އަކުން ގުޅާލުމަށް ފަރުމާ ކުރެވިފައިވާ ”އިންޓަރގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން ދޭއްގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފެރީގެ ހިދުމަތް ފަށާއިރު، މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅާލުމަަށް ކަނޑައަޅާފައިވަނީ ނ. މަނަދޫ އާއި ރ. އުނގޫފާރެވެ.
އެމްޓީސީސީން ބުނިގޮތުގައި، މި ހިދުމަތް ދިނުމުގައި ބޭނުން ކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ.
ފެރީގެ ދަތުރުތަކަށް ޓިކެޓު ނެގުމުގެ ހިދުމަތް އާރުޓީއެލް ވެބްސައިޓުންނާއި މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި ކިއުއާރް މެދުވެރިކޮށް ވެސް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
އާރްޓީއެލް އިން ދެމުން އަންނަ ފެރީގެ ހިދުމަތަކީ ރަސްމީކޮށް އަގު ނަގައިގެން ދެމުން އަންނަ ހިދުމަތެއް ކަމުގައި ވިޔަސް، ހާއްސަ އިނާޔަތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެންސްޕާގައި ރަޖިސްޓަރު ކުރެވިފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި، އަދި ފެރީގައި އެފަދަ ފަރާތްތަކަށް ދެ ސީޓު ވެސް ހާއްސަކޮށްފައިވާނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
މި ފެރީގެ ހިދުމަތް ފެށިގެން ދިއުމާއެކު، މި ދެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ނ. އަތޮޅާއި ރ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 12 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ.



