ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިސާދީ މިސްރާބާއި މެދު އަލުން އިތުބާރު ބޮޑުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލުކުރުމާ ގުޅިގެންނެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ޒަޢާމަތުގައި އިޤްތިޞާދު ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް، ޑޮލަރުގެ އާމްދަނީ އިތުރުކޮށް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ހަރުދަނާކޮށް، ބަޖެޓް ހިންގުން ހަރުދަނާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދަށް އޮތް ފިއްތުންތައް ކުޑަވެ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް އިތުބާރު އަލުން އިއާދަވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ފޯކަސް ހުރީ މާލީ ހާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދަރަނި އަދާކުރުމުގެ ކަންކަން އިންތިޒާމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީ ކުރިއެރުވުމަށް ކަމަށެވެ.
މޫޑީޒްގެ ބަޔާނުގައި ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި ފާހަގަކޮށްފައިވާ ގޮތުގައި، ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
މޫޑީޒްއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރި ނަމަވެސް، ސިޔާސަތުތަކާއެކު މިމަހުގެ ނުވައެއްގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައެވެ.
އަދި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށްވެސް މޫޑީޒްގެ ބަޔާނުގައި ވަނީ ތަޢުރީފުކޮށްފައެވެ.



