ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ތުރުކީގެ އިސްތަންބޫލުގައި ކުރިއަށްދާ ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެ ބައިވެރިވެއްޖެއެވެ.
ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ، ސެންޓްރަލް އޭޝިއާ ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުކުރުމެވެ.
އެމްއެމްޕީއާރްސީން ވިދާޅުވާ ގޮތުގައި، މި އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިނަލްއަޤްވާމީ ގިނަ ވިޔަފާރި ކުންފުނިތަކެއް އެއްތަންވެ، ވެލްނެސް ފަތުރުވެރިކަމާ ގުޅުންހުރި ފުރުސަތުތައް ހިއްސާކޮށް އިޝްތިހާރުކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
މި އެކްސްޕޯގައި 100 އަށްވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވިޔަފާރިތަކާއި، މި ސިނާއަތުގެ ތަޖުރިބާކާރުންނާއި ހިއްސާދާރުން ބައިވެރިވެއެވެ.
އެކްސްޕޯއާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިއީ ވެލްނަސްއާ ގުޅުންހުރި ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއްކަމަށެވެ.
”މި އެކްސްޕޯ މެދުވެރިކޮށް ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ބަދަލުގައި، ރާއްޖޭގެ ގުދުރަތީ ފަރުވާ ލިއްބައިދޭ ވެށިތަކާއި، ރިސޯޓްތަކުގައި ޤާއިމްކޮށްފައިވާ ސްޕާތަކުން ލިބޭ ތަފާތު ފަރުވާތަކާއި، ކަނޑުފަޅާ ގުޅުންހުރި އެކި ތެރަޕީތައް ގިނަ ބަޔަކަށް ފެނި އިޝްތިހާރުވެގެންދާނެ،“ ޝިއުރީ ވިދާޅުވިއެވެ.
ރާއްޖެއިން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގެ ހާއްސަ މެހެމާންދާރީ އާއި، ގުދުރަތީ ފަރުވާލިބޭ މާހައުލުތަކާއި، ވެލްނެސްގެ ދާއިރާއިން ހުރި އެކި ފުރުސަތުތައް ދައްކާލުމެވެ.
މި އެކްސްޕޯގައި ރާއްޖެއިން ޤާއިމްކޮށްފައިވާ ސްޓޭންޑުގައި ލަގްޒަރީ މަންޒިލް ދައްކުވައިދޭނެ އެކި އާޓްވޯކްތައް ދައްކާލާނެއެވެ. އަދި ފަތުރުވެރި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި، ރަށްރަށާއި ސަޤާފަތާ ގުޅުންހުރި މައުލޫމާތުތައް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިއްސާކުރާނެކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.




