ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަގުވަޒަންކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެމް.އެސް.އެސް.އެމް.އީ އެވޯޑު 21 ފަރާތަކުން ހޯދައިފިއެވެ.
މި އެވޯޑު ދީފައިވަނީ ދެ ގިންތިއަކުންނެވެ. އެއީ އާންމުންގެ ވޯޓުން ހޮވާ ގިންތިއަކާއި، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއެކެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025އަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދޭ އެވޯޑެކެވެ.
މިއެވޯޑު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޝަރަފުވެރި ހަފްލާގައި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ސަރުކާރުގެ އިސް ބައެއް ފަރާތްތައް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިހަފްލާގެ އެންމެ ޝަރަފުވެރި 3 އެވޯޑު ކަމަށްވާ އަހަރުގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިދާޅުވީ، ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެ ވިޔަފާރިތަކުން ކުރާ މަސައްކަތްތައް އަގުވަޒަންކޮށް އެވޯޑެއް ދިންއިރު، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް މި އެވޯޑު ދޭން ނިންމާފައިވާ ކަމަށެވެ.
ބީސީސީން އިތުރަށް ވިދާޅުވީ، އެވޯޑަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، މިއީ ކުދި ވިޔަފާރިތަކުން ވަރަށް ބޭނުންވެފައިވާ ކަމެއްކަން އެވޯޑަށް ހުޅުވާލުމުން އެނގިގެންދިޔަ ކަމަށެވެ.



