ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އަލަށް ތަރައްޤީކުރެވުނު އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސަޢުދާންއެވެ.
މި މަސައްކަތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކޮށް، އިސްލާމީ މަރުކަޒުތަކަށް ދިރުން ގެނެސްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަސައްކަތެކެވެ.
ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަލަށް ޤާއިމްކުރެވުނު މި ކުތުބުޚާނާ ތަރައްޤީކޮށްފައިވަނީ ޒަމާނީ ވަސީލަތްތައްވެސް ހިމެނޭ ގޮތަށެވެ. މިތަނުގައި ދިވެހި ބަހާއި، އިނގިރޭސި ބަސް އަދި ޢަރަބި ބަހުން ލިޔެފައިވާ ތަފާތު އެކި އިސްލާމީ ފޮތްތައް ބެހެއްޓިފައިވެއެވެ.




