ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް، އެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަލަސްޠީނު ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ފަލަސްޠީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހުޅުގަނގު އަސޭރީގެ އިތުރު ބިންތައް ހިފައި ޔަހޫދީން އާބާދު ކުރުވުމާއި، ފަލަސްޠީނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ހަމަޖެހުން ޤާއިމްކޮށް އިޤްތިޞާދީ ގޮތުން ފާގަތިކަން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާލަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ގޮވާލައްވާ، އެކުގައި މަސައްކަތްކޮށް މާނަހުރި ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މިކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް އެ ޤައުމުގެ ރައްޔިތުނުންގެ އުއްމީދުތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ޕޯސްޓު ނިންމަވާލައްވަމުން ރައީސް ވަނީ ދިވެހިން ފަލަސްޠީނާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް 1967 ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެޤައުމުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކޮށް ކުރަމުންދާ ޤައުމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިމައްސަލާގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އިތުރަށް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ އެކި މަންސަތައް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ވަކާލާތު ކުރުމަށް ބޭނުންކުރަމުންނެވެ.
ސަރުކާރުގެ ވަޒީރުންނާއި އެކި އޮފިޝަލުން އަދި ޚުދު ރައީސް ވަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި މިކަމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމާތަކަށް އެ ދައުލަތާއި އެކަމުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް ވެސް ވަނީ ގޮވާލާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ އދ. އާންމު މަޖިލީހުން 1977 ގައި މި ދުވަސް ފާހަގަކުރުމަށް ނިންމައިގެންނެވެ.
މެންބަރު ޤައުމުތަކުން މިކަމުގައި ވީހާވެސް ބޮޑަށް ބައިވެރިވެ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ އދ. މި ދުވަސް ފާހަގަކުރުމަށް ނިންމުމުގެ މަޤްޞަދެކެވެ.



