ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުންދާތީ، ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން މާސްކު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފިއެވެ.
ރިޕޯޓު ކުރެވޭ ކޭސްތައް ގިނަވުމާ ގުޅިގެން، އާއްމު ރައްޔިތުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، އަރިދަފުސް ރޯގާ އާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، އަތް ސާފުކުރުމަށް ސެނިޓައިޒާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ، އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ރޯގާގެ އަލާމާތްތައް ހުންނަ ކުދިން ސްކޫލަށް ނުފޮނުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، އާންމުކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި، ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން މިފަދަ ތަންތަނަށް ނުދިއުމަށެވެ.
އަދި ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



