ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ޓެލެތޯނެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދަމު 01:00 ގެ ނިޔަލަށެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 123 މީހުން މަރުވެ 130 މީހަކު ވަނީ ގެއްލިފައެވެ. މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 3،000 ގެއެއް ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މިހާރު ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެގާތް ގުޅުމެއް އޮންނަ އަދި އެންމެ ކައިރީގައިވާ އަވައްޓެރި ގައުމެވެ. އެހެންކަމުން އެޤައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ޕީއެސްއެމުން ދެކެއެވެ.
ޕީއެސްއެމުން ވަނީ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ހުޅުވާލާފައެވެ. އަދި މި ޓެލެތޯނުގައި ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުގެ އިތުރުން އޮފީސްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ.
މިހާރު ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ލަންކާގައި ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.




