ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމުން ނުފުރި ތިބި މީހުންނަށް ވިސާގެ ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވީ، މިމަހުގެ 28 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މޫސުން ގޯސްވެ، ފްލައިޓްތައް ކެންސަލް ކުރުމާއި ގުޅިގެން ނުފުރި ތިބި ފަރާތްތަކުގެ ވިސާގެ ފީއާއި، ވިސާ ހަމަވެ އިތުރަށް މަޑުކުރަންޖެހޭ މުއްދަތުގައި އަރާ ޖޫރިމަނާ ފީތައް މާފު ކުރުމަށް ސްރީލަންކާގެ އިމިގްރޭޝަނުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުރު މުއްދަތަކަށް ދަތުރުކުރާ ފަތުރުވެރިންނާއި، ބިޒްނަސް ވިސާއާއި ރެސިޑެންސް ވިސާ ފުރިހަމަ ކުރުމަށް 7 ދުވަހުގެ މުހުލަތެއް ދިނުމަށްވެސް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ. މި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ސްރީލަންކާގެ އިމިގްރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ވަނީ ހަމަޖައްސަވާފައެވެ.
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ތޫފާން ދީތުވާއާއި ގުޅިގެން ކުރާ ވިއްސާރައެކެވެ. ތޫފާން މިހާރު ސްރީލަންކާއާއި ދުރަށް ދަތުރު ކުރަމުން ދިޔަ ނަމަވެސް، ވިއްސާރައިގައި އެޤައުމަށް މިހާރު ވަނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެޤައުމުގައި ވަނީ ކުއްލި ޙާލަތު ޢިއުލާންކޮށްފައެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ސްރީލަންކާއަށް އެހީވުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖެއިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.




