ސްރީލަންކާއަށް އެރި ”ޑިޓްވާ“ ތޫފާނާ ގުޅިގެން ލަންކާގެ އެއާޕޯޓުގައި ދިވެހިން ތާށިވެފައި ތިބި ނަމަ، އެ މައުލޫމާތު ހައި ކޮމިޝަންގެ ހޮޓްލައިނަށް ގުޅައިގެން އެންގުމަށް އެދިއްޖެއެވެ.
ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ވައިގެ ދަތުރުތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. މީގެ ތެރޭގައި ލަންކާއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކާއި، ޓްރާންސިޓް ދަތުރުތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރިއެވެ.
މި ހާލަތު ގާތުން ބެލުމަށްޓަކައި ހައި ކޮމިޝަންގެ އޮފިޝަލުން ވަނީ އެއާޕޯޓަށް ވެސް ޒިޔާރަތްކޮށް، ދިވެހިންގެ ހާލަތު ބަލާފައެވެ.
އެއާޕޯޓުގައި ނުފުރި ދިވެހިން ތިބި ނަމަ،
6666 9476881 +އަށް ގުޅުމަށް ލަންކާ ހައި ކޮމިޝަނުން އެދެއެވެ.
ހައި ކޮމިޝަނުން ބުނީ، އެއާލައިންތަކާ ވާހަކަ ދެއްކިއިރު، މޫސުން ތަންދޭ މިންވަރަކުން ދަތުރުތައް ރާވަމުންދާކަން އެއާލައިންތަކުން މައުލޫމާތު ދެމުން އަންނަ ކަމަށެވެ.
އެހެންކަމުން މި ދަތި ވަގުތުގައި ހުރިހާ އެންމެން ވެސް ކެތްތެރިކަމާއެކު އެއާލައިންތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށާއި އެއްވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެ ހާލަތެއްގައި ވީހާވެސް އަވަހަށް އެކަން އެންގުމަށް ކޮމިޝަނުން އެދިފައިވެއެވެ.



