”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ވެރިޔާ ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
ސަނީ އުމަރަކީ ”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ ވެރިޔާއެވެ. މި ކުންފުންޏަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
މި މައްސަލައާއި ގުޅިގެން އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން އިއްޔެ ވަނީ ނިންމައިފައެވެ.
ދަ ޓްރެވެލް ގައިސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ.
”މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނން.“ ޓްރެވެލް ގައިސް އިން ބުންޏެވެ.
ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މި ފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.
”އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް އަދި ސަނީ އުމަރަށް ކުރެވޭ ފަރުދީ ތުހުމަތުތަކެއް“ ޓްރެވެލް ގައިސްއިން ބުންޏެވެ.
މި މައްސަލަ މީސް މީޑިއާގައި ފެންމަތިވުމާއެކު، ސަނީ އުމަރު ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.




