ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންވެސް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް ވެމްކޯގެ ފަރާތުން ހަދިޔާ ކުރީ 100،000 ރުފިޔާއެވެ.
ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެގެން ކުރިއަށްގެންދާ މި ޓެލެތޯނަށް މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދި 37،000އަށް ވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފައެވެ.
މިރޭ މެންދަމު 1:00 ޖެހުމާއި ހަމައަށް މި ޓެލެތޯން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.
ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާ އަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން މަރުވި މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރާފައިވާއިރު، 20,000 އަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ.



