ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން، ބާޒާރު މައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
’އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2‘ ގެ ނަމުގައި ހުޅުވުނު މި ފިހާރަ ގާއިމްކުރެވިފައިވަނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ.
އެސްޓީއޯއިން ބުނިގޮތުގައި ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، 15 އޮކްޓޯބަރ 2025 ން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފެށުނެވެ.
އަދި މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމް ކުރެވިފައިވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ، މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމަށް ޓަކައި މިއަދު ހުޅުވުނު މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަަމަށެވެ.

ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް
ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ:-
- ހެނދުނު: 08:30 – 12:00 އަށް
- މެންދުރު: 13:00 – 17:00 އަށް
އެސްޓީއޯއިން ބުނިގޮތުގައި މި ފިހާރަ ހުޅުވިގެން ދިއުމާއި އެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެއެވެ. އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށްގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެ ކަމަށާއި، މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓިއޯއިން އިތުރަށް ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެސްޓިއޯއިން ބުންޏެވެ.



