ސްރީލަންކާ އަށް އެރި ނުރައްކާތެރި ތޫފާން ”ދިތުވާ“ ގެ ސަބަބުން މަރުވި މީހުންގެ އަދަދު މިރޭގެ ނިޔަލަށް 465 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާއި ހަވާލާދީ ރިޕޯޓުތަކުން ބުނާގޮތުގައި ތޫފާނުގައި 465 މީހުން މަރުވިއިރު، 25 ޑިސްޓްރިކްޓަކުން ގެއްލުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 366 އަށް އަރާފައެވެ.
މި ތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކެންޑީ ސަރަހައްދަށެވެ. ކެންޑީން އެކަނިވެސް 118 މީހުން މަރުވެފައި ވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ނުވަރަ އެލިޔާއިންނެވެ. އެއީ 89 މީހެކެވެ.
ތޫފާން ”ދިތުވާ“ އާ ގުޅިގެން ސްރީލަންކާގެ 1.5 މިލިއަން މީހުންނަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދާން މަޖުބޫރުވި މީހުންގެ އަދަދު 232،757 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފައިވެއެވެ.
މި ކާރިސާގައި ޖުމްލަ 31،417 ގެއަށް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 465 ގެ ވަނީ ދިރިނޫޅެވޭވަރަށް ބޮޑަށް ހަލާކުވެފައެވެ.
ލަންކާއަށް އެކި ގައުމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާގެ އެތައް ރައްޔިތުންނެއް ވެސް ދަނީ އެ މީހުންނަށް ވީވަރަކުން ތޫފާނުގެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވަމުންނެވެ.




