އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާކުރުން 2028 ވަނަ އަހަރަށް ފަސްކޮށް، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ލިސްޓް ކަނޑައެޅުން ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލުން އިސްލާހު ގެންނަވައިފިއެވެ.
ރައީސް މިރޭ ނެރުއްވި އާ ގަރާރުގައި ވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒު ކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީހަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ.
މި އިސްލާހު ގެންނެވުމުގެ ކުރީން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައި ވަނީ، 1 ޑިސެންބަރު 2025 އެވެ.
އާ ގަރާރުގައިވާގޮތުން އިސްލާހާއެކު، އެ ތާރީހު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކުރައްވާފައެވެ. އަދި މި އިސްލާހު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް ނިންމަވާފައި އޮތީ، 1 މާރިޗު 2026 ގައެވެ.
އިސްލާހާއެކު މި ތާރީހު ވަނީ، 1 ޖޫން 2028 އަށް ބަދަލުކުރައްވާފައެވެ.



