ބާރުގަދަ ތޫފާން ”ދިތުވާ“ އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ހަދިޔާކުރި މަސްދަޅު ކޭސްތައް ހިފައިގެން އެސްޓީއޯގެ ބޯޓު ލަންކާއަށް ފުރައިފިއެވެ.
ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ދޭން ނިންމީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭހެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ބޯޓު އެމްއެސްއެސް ގަލޭނާ، 25،000 ކޭސް މަސްދަޅު ހިމެނޭ 14 ކޮންޓެއިނަރާއެކު ރޭ ވަނީ ލަންކާއަށް ދަތުރު ފަށާފައެވެ.
ލަންކާއަށް ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމި ފައިސާގެ އެހީ ވަނީ މިހާރު ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުން ދިން ފައިސާގެ އެހީ ލަންކާގެ ފަރާތުން ހަވާލުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ފައިސާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.
ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ރައްޔިތުންގެ ފަރާތުން ވެސް ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވީ ސްރީ ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި ޖުމްލަ ފައިސާގެ އަދަދު 2.4 މިލއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ހިންގި ޓެލަތޯނުން ވަނީ 8 ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާ ގްރޫޕުން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ.
ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ މައްޗަށް އަރައިފައެވެ.



