އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ދިވެހި ފިލްމު ”ޕަރީ: ޗެޕްޓާ 1“ ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މި ފިލްމަކީ ބިރުވެރިކަމުގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެ ފިލްމެކެވެ.
ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް އިއްޔެ ނެރުނު ފިލްމުގެ ފުރަތަމަ ރަސްމީ ޓްރެއިލާ އިން ފެންނަ މަންޒަރުތަކުން އެކަނިވެސް ފިލްމުގެ ބިރުވެރިކަން ވަރަށް ބޮޑަށް އިހުސާސްކޮށްލެވޭނެއެވެ.
މި ފިލްމުގައި ދައްކުވައި ދޭނީ ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ކަންތައްތަކެކެވެ. ފިލްމުގެ ބޮޑު ރޯލަކުން ކުޑަ އަންހެން ކުއްޖަކު ފެނިގެންދާއިރު، އާއިލާއަށް ކުރިމަތިވާ ނުތަނަވަސްކަން ފިލްމުގައި ވަރަށް ރަނގަޅަށް ދައްކުވައިދޭނެކަން ޓްރެއިލާ އިން ފެނެއެވެ.
”ޕަރީ“ ގެ ކާސްޓްގައި ދިވެހި ފަންނާނުން ކަމަށްވާ އައިޝަތު ރިޝްމީ އާއި ޖުމައްޔިލް ނިމާލާއި ޝީލާ ނަޖީބްގެ އިތުރުން ލަންކާގެ ފަންނާނުންތަކެއް ވެސް ހިމެނެއެވެ.
”ޕަރީ: ޗެޕްޓާ 1“ އޮލިމްޕަސް ސިނަމާއަށް ދޫކޮށްލަން ނިންމާފައި ވަނީ އަންނަ މަހުގެ 7 ގައެވެ. މިއީ ދިވެހި ފިލްމު އިންޑަސްޓްރީގެ ތެރެއިން ބިރުވެރި ފިލްމުތައް މަދުވަމުންދާ ދަނޑިވަޅެއްގައި ބިރުވެރި ފިލްމް ބަލަން ބޭނުންވާ ބެލުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ މިދިޔަ މަހު އޮލިމްޕަހުގައި އެޅުވި ކޮމެޑީ ފިލްމު ”ކޮސް ގިނަ މިސްޓޭކް“އެވެ.
މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ”އަލްވަދާއު“ އެވެ. މި ފިލްމަކީ މި އަހަރު ރިލީޒްކުރެވުނު 9 ވަނަ ފިލްމެވެ.




