ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.
”އައިކިއު އެއާ“ ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި ވައިގައި ހިމެނޭ ހިރަފުސް ކުނޑި ނުވަތަ ޕީއެމް2.5 (ފައިން ޕާޓިކިއުލޭޓް މެޓާ) މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގައެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މަތީ މިންވަރެކެވެ.
ޕީއެމް2.5 އަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑިއެވެ.
މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައެވެ. މި މިންވަރަށް ނުސާފުކަން އިތުރުވުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި ކުޑަކުދިންނަށް ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުން ގާތްކަމެކެވެ.

އައިކިއުއެއާ އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ކުޑަ ތަންކޮޅެއް ރަނގަޅުވުމަށް ފަހު، އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށް ވުރެ ވެސް ގޯސްވާނެ އެވެ.

ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެއެވެ. މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު ”ހިމާލަޔާސް“ އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ. އެ ވައިގައި އެކުލެވޭ ނުސާފުކަމަކީ ހިރަފުހާއި ފެކްޓްރީތަކުން އަރާ ދުން އެކުލެވޭ ނުސާފުކަމެކެވެ.
އެއާ ކޮލިޓީ މައުލޫމާތު ގެނެސްދޭ ވެބްސައިޓްތަކުން ދައްކާ ގޮތުގައި އިންޑިއާގެ މަތީގައި އޮތް ހިރަފުސްގަނޑުގެ އަސަރު އެންމެ ބޮޑަށް މިހާރު ކުރަމުން ދަނީ ލަކްޝަދީޕްގެ ރަށްތަކަށެވެ.
އެކަމުގެ އަސަރު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަަކަށް ކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.



