ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، ކަނޑު މަގުން ގެނައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މިމަހު 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން ޗެކްކުރިއިރު ގިނަ އަދަދެއްގެ ވޭޕާއި އޭގެ ސާމާނު އެ ޝިޕްމަންޓުން ވަނީ ފެނިފައި ކަމަށާއި، އެގޮތުން 10،800 ވޭޕް ކާޓްރިޖް ހޯދާފައިވާއިރު އޭގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސް އާއި ކަމާއި ގުޅުންހުރި އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެއްޗާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ފަދަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމައަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަސްޓަމްސް އިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރި ފަހުން 66،000 އަށް ވުރެ ގިނަ ވޭޕް ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.
އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.



