ވެކްސިންގެ ޤައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފިއެވެ.
ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނާފައިވަނީ، ”ނިއުމަ ކޯކަލް“ އަދި ”ރޯޓާ ވައިރަސް“ ވެކްސިނެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ، މިއަދުން ފެށިގެން އެ ދެ ވެކްސިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށެވެ.
”މި ދެ ވެކްސިނަކީ، ކުރިން އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ގަނެގެން ދޭ ވެކްސިންތަކެއް. ނަމަވެސް ޤައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމުން އެހެން ވެކްސިންތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ. އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މި ވެކްސިން ލިބެން ހުންނާނެ.“ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވިއެވެ.
މި ދެ ވެކްސިނަކީވެސް ކުޑަކުދިންނަށް ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދިނުމަށް މުހިންމު ވެކްސިންތަކެކެވެ.
ނިއުމޯ ކޮކަލް ވެކްސިނަކީ، ނިއުމޯނިޔާ އަދި މެނިންޖައިޓިސް ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާ ވައިރަސް ވެކްސިނަކީ، ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ.
މި ވެކްސިންތައް ދޭނީ، ޢުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށެވެ.
ނިއުމޯ ކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން ޤައުމީ ޝެޑިއުލްގައި ހިމެނުމުގެ ކުރިން އޮތީ އޮޕްޝަނަލް ވެކްސިންގެ ގޮތުގައެވެ. ނަމަވެސް، ޤައުމީ ޝެޑިއުލްގައި ހިމެނުމުން މި ވެކްސިންތައް އާސަންދައިން ކަވަރ ކުރާނެއެވެ.
މީގެ ކުރިން މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި ދެމުން ގެންދިޔައީ، އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.



