ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާގެ އެތިކްސް ކޮމިޓީން އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލައެއް ބަލަން ނިންމައިފިއެވެ.
މި މައްސަލަ ބަލަން ނިންމާފައިވަނީ، ފީފާއިން ސިޔާސީ ކަންކަމުގައި ގެންގުޅޭ ހަމަހަމަކަން އިންފަންޓީނޯ ގެއްލުވާލައި، ފީފާގެ ގަވާއިދުތަކާ ހިލާފު ވެފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
އިންފަންޓީނޯގެ މައްސަލައަކަށް ވެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މާ ބޮޑަށް ގާތް ގުޅުމެއް ބާއްވައި، އެންމެ ފަހުން އޭނާ އަށްޓަކައި އެވޯޑެއް ތައާރަފްކޮށް ދިނުމެވެ.
އެއީ ފީފާއިން މުޅިން އަލަށް މި އަހަރު ތައާރަފްކުރި ފީފާގެ ސުލްހައިގެ އިނާމެވެ. މި އިނާމް ޓްރަމްޕަށް ދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ފީފާ ވޯލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ޓްރަމްޕަށް ރަންކުލައިގެ އެވޯޑަކާއި ރަންމެޑަލް އަކާއި ސެޓްފިކެޓެއް ދިނުމަށްފަހު އިންފަންޓީނޯ ވިދާޅުވީ، ރައީސުންނަކީ ޓްރަމްޕް ފަދަ ބޭފުޅުން ކަމަށެވެ. އަދި މި އެވޯޑަކީ ދުނިޔޭގެ ހަމަޖެހުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތަށް ދެއްވި އިނާމެއް ކަމަށާއި މިއީ ހައްގު އިނާމެއް ކަމަށެވެ.
މި ވާހަކަތަކާއި އެވޯޑާ ގުޅިގެން އިންފަންޓީނޯ އަށް ދުނިޔޭގެ ލީޑަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފާޑުކިއުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އޭނާއާ ދެކޮޅަށް ފީފާ އަށް މައްސަލަ ހުށަހެޅީ ވެސް މި ފަދަ ޖަމާއަތަކުންނެވެ.
ފީފާއިން ސުލްހައިގެ އިނާމް ތައާރަފްކުރީ ވެސް ޓްރަމްޕަށް އަމާޒުކޮށް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެއީ ޓްރަމްޕަށް ނޯބަލް ސުލްހައިގެ އިނާމް ނުލިބުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ގިނަ ބަޔަކު މިހާރު ދަނީ ފީފާގެ ރައީސަކު ދުވަހަކު ވެސް ސިޔާސީ ކަންކަމުގައި ނޫޅުއްވާ ވަރަށް އިންފަންޓީނޯ އެކަމުގައި ބައިވެރިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި، އޭނާގެ އަމަލުތަކުގެ ސަބަބުން ފީފާގެ ހަމަހަމަކަން ގެއްލެމުންދާ ކަމަށް ބުނަމުންނެވެ.




