ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކިއާރާ އަދުވާނީ، އޭނާގެ އަލަތު ދަރިފުޅު ވިހެއުމަށްފަހު، ފިލްމީ މަސައްކަތަށް އަލުން ނުކުމެއްޖެއެވެ.
އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް އެ ވާހަކަ ހިއްސާކޮށް، ދެން އޮތް ދަތުރު މާ ވަރުގަދަ ވާނެ ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ އިއްޔެ ކިއާރާ ޝޫޓަކަށް ނުކުމެ ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުކޮށްފައެވެ.
ކިއާރާ ވިހެއީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ދެމަފިރިން ވަނީ އެމީހުންގެ ދަރިފުޅުގެ ނަމަކީ ސަރާޔާ މަލްއުތުރާ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.
މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާގެ ގޮތުގައި ފާހަގަކުރެވޭ ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓް މަހު ރިލީޒްކުރި ރިތިކް ރޯޝަންގެ ”ވޯ 2”އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މި ބަތަލާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ އަވަހަށް ފެންނާނެ ފިލްމަކީ އަންނަ އަހަރުގެ މާޗް 19 އަށް ތާވަލުކޮށްފައިވާ ”ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް“ އެވެ. މިއީ ”ކޭޖީއެފް“ ގެ މަޝްހޫރު އެކްޓަރު ޔާޝް އާއެކު ކުޅޭ ފިލްމެކެވެ.
ކިއާރާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާގެ ”ކަމަލް އޯރް މީނާ“ އަދި ފަރުހާން އަޚްތަރު ޑައިރެކްޓްކޮށް، ރަންވީރު ސިންގް ބަތަލު ރޯލު ކުޅެން ހަމަޖެހިފައިވާ ”ޑޮން 3“ ހިމެނެއެވެ. ނަމަވެސް، ”ޑޮން 3“ އިން ކިއާރާ ވަކިވެފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ކިއާރާ މާބަނޑުވި ހިސާބުން މި ވާހަކަ ދެކެވެން ފެށި ނަމަވެސް، މިހާތަނަށް އެކަން ކަށަވަރެއް ނުވެއެވެ.




