ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ރާއްޖޭގައި ހިންގޭ ފުރަތަމަ ޓައުންޝިޕް މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، ސަރުކާރަށް ބޮޑު އާމުދަނީއެއް ވައްދައިދޭނެ ބިޔަ މަޝްރޫއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި ޓައުންޝިޕަކީ 790 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިއަން ރުފިޔާގެ އަގުގައި ނ. އަތޮޅުގައި ތަރައްޤީކުރާ މަޝްރޫޢެއް ކަމަށެވެ.
އަދި މި މަޝްރޫޢު ވެގެންދާނީ، ޒަމާނީ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭނެ ތަފާތު މަޝްރޫޢަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޓައުންޝިޕްގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތްތައް ޤާއިމްކުރުމާއި، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ހިމެނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގައި ބޭނުންކުރާ ކަރަންޓުގެ 60 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމުވާނެއެވެ.
އަދި ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއްވެސް މި މަޝްރޫޢުގައި ހިމެނޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫޢަކީ ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ލިބޭނެ ގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސްއީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫއެއް ކަމަށެވެ.
”ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައްވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސް.އީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫއެއް،“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މީ ރާއްޖޭގައި ތިބެގެން ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ މަޝްރޫޢެއް ކަމަށެވެ.
މިމަޝްރޫޢު 2028 އަށް ނިންމާލެވޭނެ ކަމަށް، އެ ޓައުންޝިޕުގައި އިންވެސްޓްކޮށް ޑިވެލޮޕްކުރާ ފަރާތުން ސަރުކާރަށް މަޢުލޫމާތު ދެއްވާ ކަމަށާއި، ސްޕެޝަލް އިކޮނޮމިކް ޤާނޫނަށް ހަޤީޤީ މާނައިގައި ޢަމަލުކުރަން ފަށައި އެޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ގެނެވިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ މެނިފެސްޓޯ ޙަޤީޤަތަކަށްވަމުން އައުމަކީ ރައްޔިތުންނާއި ޤައުމަށް ލިބިގެންދާ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެވެ. މި ޕްރޮޖެކްޓު ހިންގުމަށް ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.



