ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ ދަރިފުޅަށް ކީ ނަން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ނުވެމްބަރު 7ވަނަ ދުވަހު ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްއަށް ފިރިހެން ދަރިފުޅަކު ލިބުނު އިރު، އެ ދަރިފުޅަށް ކީ، ވިހާން ކޯޝަލްއެވެ.
ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް ވަނީ އެކަން އިއުލާންކުރުމަށް މިއަދު އިންސްޓަގްރާމްގައި ޕޯސްޓެއްވެސް ކޮށްފައެވެ.
އެތައް މިލިއަން ފޮލޯވަރުންނާއި ފޭނުންނާއި ރައްޓެހިންނާ ދަރިފުޅަށް ކީ ނަން ހިއްސާ ކުރަމުން އެ ޕޯސްޓުގައި އެ ދެމަފިރިން ވަނީ އެމީހުންގެ ”ދުއާ ގަބޫލުކުރައްވައިފި ކަމަށާއި ދިރިއުޅުން ފުރިހަމަ ވެއްޖެ“ ކަމަށް ބުނެފައެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވުމަށްފަހު 2021 ގައެވެ. ދެމަފިރިންގެ ކައިވެނި ކުރެވުނީ އިންޑިއާގެ ރާޖަސްތާނުގައެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ކެޓްރީނާ ކައިފަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ތަރިއެކެވެ.




