މިއަހަރުގެ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 315 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ކޮމިޝަނުން މިހާރު ވަނީ މި ލިސްޓު އާންމުކޮށް، އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އިސްލާހު ކުރުމަށް ފުރުސަތު ދީފައެވެ.
ލިބިފައިވާ ޝަކުވާތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިއަދު ހަވީރު 06:00 އާ ހަމައަށް ލިބުނު 315 ޝަކުވާގެ ތެރޭގައި ގިނައީ ރަޖިސްޓަރީގައިވާ އެޑްރެސް ބަދަލުކުރުމަށާއި، ނިޔާވެފައިވާ މީހުންގެ ނަންތައް ލިސްޓުން އުނިކުރުމަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.
ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 އެވެ.
ޝަކުވާ ހުށަހަޅާއިރު، ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ފަދަ ކަންކަމުގައި އެކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އީސީން ބުނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންވާނީ އެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ކޮމިޝަނުން ފާހަގަކުރެއެވެ.
އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ ކޯލް ސެންޓަރު ނަންބަރު 1414 އަށް ގުޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ކޯލް ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް ލިބޭނެއެވެ.
އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ރޭގަނޑު 08:00 އަށް މި ޚިދުމަތް ލިބޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.




