ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގައެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސް (ސީ.އެސް.ޕީ.އޯ.ސީ) އިންތިޒާމުކޮށްފައިވާ ފުރިހަމަކަމަށް ތައުރީފު ކުރައްވާފައެވެ. އަދި މި ކޮންފަރެންސްގެ އިންތިޒާމުތަކުން ދޭހަވަނީ ބަރުލަމާނީ ގުޅުން ބަދަހިކުރުމަށް ލޯކް ސަބާއިން ބަހައްޓާ އަހަންމިއްޔަތުކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ދެމެދުގައާއި ދެ ގައުމުގެ މަޖިލިސްތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ މަޖިލީހުގެ މެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލޯކް ސަބާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށްޓަކައި އަބްދުއްރަހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި މިހާރު އޮތް ކާމިޔާބު ގުޅުން އިތުރަށް މުއައްސަސީ ސިފައެއްގައި ވަރުގަދަކުރުމާ ގުޅޭގޮތުންވެސް ދެ ރައީސުން ވާހަކަފުޅު ދެއްކެވިއެވެ.
ލޯކް ސަބާގެ ރައީސް އޯމް ބިރްލާ ވަނީ ބަރުލަމާނީ މަސައްކަތްތަކުގައި، ހާއްސަކޮށް ޑިޖިޓަލް އީޖާދުތަކާއި ތަމްރީނު ދިނުމުގެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
އަދި ދެ ގައުމުގެ ގުޅުމުގެ ބިންގަލަކީ ބަރުލަމާނީ އެއްބާރުލުންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.




