ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ކުޅޭ ތިންވަނަ ފިލްމު ”އޭކް ދިން“ ގެ ޓީޒާ ޓްރެއިލާ މިއަދު އާންމުކޮށްފިއެވެ.
ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެވެ.
ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމުގައި ޖުނައިދާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ސައީ ޕައްލަވީ އެވެ. މިއީ މި ދެ ތަރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
މިއަދު ދައްކާލި ޓީޒާގެ ބޮޑު ބައިން ފެނިގެންދަނީ ފިނި މޫސުމުގެ ހިތްގައިމު މަންޒަރުތަކެކެވެ. ޚާއްޞަކޮށް ސްނޯގެ ރީތި މަންޒަރުތަކުން ފިލްމުގެ ރީތިކަން އިތުރުކޮށްދޭއިރު، މި ފިލްމުގެ ބޮޑު ބައެއް މަންޒަރުތައް ނަގާފައިވަނީ ޖަޕާނުގައެވެ. މިއީ ބެލުންތެރިންގެ މެދުގައި ބޮޑު އުންމީދެއް އުފެދިފައިވާ ފިލްމެކެވެ.
ސުނިލް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ ”އޭކް ދިން“ އަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ޖުނައިދު ކުޅުނު ދެވަނަ ފިލްމެވެ. މީގެ ކުރިން އާމިރު ޕްރޮޑިއުސްކޮށް ޖުނައިދު ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ”ލަވްޔާޕާ” އެވެ.
ޖުނައިދު ޚާން ބޮލީވުޑަށް ތައާރަފްވީ 2024 ވަނަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން ތާރީޚީ ފިލްމު ”މަހާރާޖް” އިންނެވެ.
”އޭކް ދިން“ ވެގެންދާނީ އޭނާގެ ފިލްމީ ކެރިއަރުގެ ތިންވަނަ މަސައްކަތަށެވެ.



