ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި، ބަންގްލަދޭޝް އަތުން 1-6 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރާއްޖެއިން ފުރަތަމަ މެޗު ޕާކިސްތާނާއި ދެކޮޅަށް ކުޅުނު އިރު، އެ މެޗުން ރާއްޖެ މޮޅުވީ 7-1 ގެ ނަތީޖާއަކުންނެވެ.
މި ދެ މެޗުން މޮޅުވުމާއި އެކު މި މުބާރާތް ކާމިޔާބުކުރުމުގެ އުންމީދު ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް އާވެފައެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ހަމައެކަނި ޤައުމަކީ ވެސް ރާއްޖެއެވެ.
ބެންކޮކުގެ ހުއާ މާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ވަނީ ލަނޑެއް ޖަހައި ރާއްޖެއަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ނުވަވަނަ މިނެޓުގައި އިޝާން އިބްރާޙީމް (ސައްޓު) ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ޖެހިގެން އައި މިނެޓުގައި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.
ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިޔާޙް އެވެ. މި ޕެނަލްޓީއަކީ ޝިޔާޙް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނަ ނުދޭން ބަންގްލަދޭޝްގެ އިންތިޝާރު މުސްތަފާ ޗޯދުރީ އަތުން ބޯޅައިގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. އޭގެ ސަބަބުން އިންތިޝާރަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
ބަންގްލަދޭޝްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޤާޒީ އިބްރާޙީމް އަޙްމަދެވެ.
ދެވަނަ ހާފުގައި ވެސް ރާއްޖެއިން ވަނީ އެޓޭކިން ގޭމެއް ކުޅެފައެވެ. މެޗުގެ ފަސްވަނަ ލަނޑު ހާފުގެ 10 ވަނަ މިނެޓުގައި ރާހިލް ކާމިޔާބުކުރިއިރު، ރާއްޖޭގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
މި މެޗު ކުޅުނު ހުއާ މާކް ސްޓޭޑިއަމަކީ ރާއްޖޭގެ ފުޓްސަލް ތާރީހުގައި ހާއްސަ ދަނޑެކެވެ. އެއީ 2022 ވަނަ އަހަރު ރާއްޖެއިން ބައިނަލްއަގްވާމީ ފުޓްސަލް މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވީ ވެސް މި ދަނޑުގައި ކަމަށްވާތީއެވެ. އެފަހަރު ރާއްޖެ މޮޅުވީ މޮންގޯލިއާ އަތުންނެވެ.
މި މޮޅާއެކު ރާއްޖެ މިވަގުތު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ނޭޕާލާއި ތިންވަނައިގައި އޮތް ޕާކިސްތާނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ މެޗުތައް ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.



