މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ،މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫންކަމަށެވެ.
ރައީސްގެ މެސެޖުގައި، ކުށެއް ކޮށްފި މީހަކާމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާކމަށާއި، އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.
“ ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ!“ ރައީސްގެ މެސެޖުގައި ވެއެވެ.
ރައީސް ވަނީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.



