މިހާރު ކުރިޔަށްދާ ޖީސީއީ އޯލެވެލް އިމްތިހާނު ހަދަން ވިލިނގިލިން މާލެއަށް ދަތުރުކުރަންޖެހޭ ދަރިވަރުންނަށް އަމާޒުކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓިސީސީ) އިން އިތުރު ފެރީއެއް ތާވަލުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، އިތުރު ފެރީއެއް ތާވަލުކުރީ، އޯލެވެލް އިމްތިހާނު ހެދުމަށް ވިލިނގިލިން މާލެއަށް ދަތުރުކުރާ ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން، މިއަދު މެންދުރު 13:15 ގައި ވިލިނގިލިން މާލެއަށް އިތުރު ފެރީ ދަތުރެއް ތާވަލް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ދަތުރުތަކާބެހޭ މައުލޫމާތު އިތުރަށް ސާފުކުރަން ބޭނުންވާނަމަ، އެކުންފުނީގެ ހޮޓްލައިން ނަންބަރު 1650 ގުޅާލުމަށް އެކުންފުނިން އެދިފައި ވެއެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނު ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މި އަހަރު އޯލެވެލް ހަދަނީ 7501 ދަރިވަރުންނެވެ. އޯލެވެލް އިމްތިހާނު މި އަހަރު ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާއިރު އެންމެފަހު އިމްތިހާނު އޮންނާނީ ޖޫންމަހުގެ 13 ވަނަ ދުވަހު އެވެ.


