އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ”ޕޮޕް މިއުޒިކްގެ ރަސްގެފާނު“ ގެ ގޮތުގައި މަޝްހޫރުވި މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޮގްރިފަކަލް މިއުޒިކަލް ޑްރާމާ ”މައިކަލް” ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.
ލަޔަންސްގޭޓްސް އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.
މި ފިލްމަކީ ޖޯން ލޯގަންގެ ސްކްރީންްލޭއަކަށް އެންޓޮއިން ފުގްއާ ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ފުގްއާ އަކީ މީގެ ކުރިން ”ދަ ޓްރެއިނިން ޑޭ“، ”ކިންގް އާތާ“ އަދި ”އެމަންސިޕޭޝަން“ ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ. އޭނާ އެންމެ ފަހުން ގެނެސްދީފައިވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ”ދި އީކްއަލައިޒާ 3“ އެވެ.
މައިކަލް ޖެކްސަންގެ ހަޔާތުގެ މުހިންމު ސޮފުހާތަކެއް ފެނިގެންދާ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ މައިކަލް ޖެކްސަންގެ ބޭބެ ޖާމެއިން ޖެކްސަންގެ ދަރިފުޅު ޖާފަރް ޖެކްސަން އެވެ. އުމުރުން 28 އަހަރުގެ ޖާފަރް މި ފިލްމުގައި ފެނިގެންދާނީ އޭނާގެ ބޮޑުބޭބެގެ ކެރެކްޓާއިންނެވެ.
މި ފިލްމަކީ ޖުމްލަ 155 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ކޮލްމަން ޑޮމިންގޯ، ނިއާ ލޮންގް، މިލެސް ޓެލާ، ލައުރާ ހެރިއާ، ޖޯސެފް ޑޭވިޑް-ޖޯންސް، ޖެސިކާ ސޫލާ، ކެންޑްރިކް ސެމްޕްސަން، ކެޓް ގްރަހަމް، ލަރެންޒް ޓޭޓް، ކެވިން ޝިނިކް އަދި ޑެރެކް ލޫކް ފަދަ ހުނަރުވެރި ފަންނާނުން ހިމެނެއެވެ.
މައިކަލް ޖެކްސަން އުމުރުން 50 މަރުވެފައި ވަނީ ޖޫން 25، 2009 ގައެވެ.


