ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ތަމަޅަ ވެބް ސީރީޒަކަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ސީރީޒަކީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު ޕާ ރަންޖީތު ނެޓްފްލިކްސްއާ ގުޅިގެން އުފައްދާ ޕްރޮޖެކްޓެކެވެ.
އަންހެނެއްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ މި ސީރީޒަށް ޖާންވީ ސޮއިކުރީ 20 ކްރޯޑް ރުޕީސް(2.2 މިލިއަން ޑޮލަރު) ގެ ބޮޑު އަގަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ޖާންވީ ތަމަޅަ ވެބް ސީރީޒަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
ޖާންވީ އަކީ މިހާރު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް ޑިމާންޑް ބޮޑުވަމުން އަންނަ ބަތަލާއެކެވެ. އެގޮތުން އޭނާގެ ފުރަތަމަ ދެކުނު ފިލްމަކީ 2024 ވަނަ އަހަރު އެންޓީއާރް ޖޫނިއާއާ އެކު ކުޅުނު ’ދޭވްރާ: ޕާޓް 1′ އެވެ. މީގެ އިތުރުން މަޝްހޫރު އެކްޓަރު ރާމް ޗަރަންއާ އެކު އޭނާ ކުޅޭ ތެލެގޫ ފިލްމު ’ޕެއްޑީ‘ އަންނަ އޭޕްރީލް މަހުގެ 30 ގައި ސިނަމާތަކަށް އަންނާނެއެވެ.
ޖާންވީގެ މަންމަ، ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އަކީ ވެސް ދެކުނުގެ ފިލްމު އިންޑަސްޓްރީގައި ވަރަށް ނުފޫޒުގަދަ ބަތަލާއެކެވެ. ސްރީދޭވީ ވަނީ ތަމަޅަ، ތެލެގޫ، މަލަޔާޅަމް އަދި ކަންނާޑާ ފިލްމުތަކުގައި މަސައްކަތްކޮށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
އުމުރުން 28 އަހަރުގެ ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި ’ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ‘ އެވެ. އަދި އޭގެ ކުރިން ޖާންވީ ކުޅުނު ފިލްމު ’ހޯމްބައުންޑް’ އަކީ މި އަހަރުގެ އޮސްކާ އެވޯޑަށް އިންޑިއާގެ ފަރާތުން ހުށަހެޅި ފިލްމެކެވެ.



