މިމަހުގެ ކުރީކޮޅު ހުޅުމާލޭގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފި އެވެ.
ނިޔާވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު، ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިިރިން ދުއްވާފައި ދަނިކޮށް، ސައިކަލު ކަހާލައިގެން ވެއްޓުނު ޒުވާނެކެވެ.
ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހު ހަވީރު 03:26 ހާއިރު ކަމަށެވެ. އަދި، މިހަދިސާގައި މަރުވެފައިވަނީ ސައިކަލު ދުއްވަން އިން މީހާކަމަށެވެ.
ފުލުހުން ބުނީ، އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑިކޭއަށް ގެންދިޔަކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ، އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ 00:50 ހާއިރު، ކަމަށް ފުލުހުން މިއަދު ބުނެފައި ވެއެވެ.
މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއްކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.



