މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި އަލަށް ތަރައްގީކުރި ސްކޭޓް ޕާކް އިތުރަށް ފުރިހަމަކުރުމަށްޓަކައި، އެކި ފޭސްތަކަކަށް ބަހާލައިގެން އެތަން ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސްކޭޓް ޕާކް ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އަލަށް ބިނާކުރެވުނު މި ޕާކަކީ ގިނަދުވަހަށް ދެމިގެންދާނެ ފަދަ ގޮތަކަށް ބެލެހެއްޓުމަށް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
މިތަން ބެލެހެއްޓުން ސްކޭޓް މޯލްޑިވްސްއާ ހަވާލުކޮށްފައިވީ ނަމަވެސް، ތަނުގެ މެއިންޓަނެންސް މަސައްކަތްތަކާއި އިތުރު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނީ ސްޕޯޓްސް މިނިސްޓްރީން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މިތަނަށް އިތުރު ވަސީލަތްތައް އިތުރުކުރުމަކީވެސް އަޅުގަނޑުމެންގެ ޕްރޮގްރާމުގަ ވާކަމެއް، ފޭސް ޓޫއަށް ބަހާލައިގެން. އަދި އޭގެ ފަހުން ފޭސް ތްރީއެއްވެސް އައުން އެކަށީގެންވޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތަކީ ޕްރޮސެސްއެއްގެ ތެރެއިން ކުރިއަށްދާނެ ކަމެއް ކަމަށާއި، މިއީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވިދާނެ ތަނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވެސް ރަނގަޅު ފެންވަރަކަށް ފަރުމާކޮށްފައިވާ މި ސްކޭޓް ޕާކުގައި އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަ ލޭނަކާއި ސްކޭޓް ބޯޑް ދުއްވުމަށް ވަކި ސަރަހައްދެއް ވަނީ ހިމަނާފައެވެ. ޕާކު ހުޅުވުމާއެކު ގިނަ އަދަދެއްގެ ކުދިން އެތަނުގައި ފަރިތަކުރުންތައް ކުރިއަށްގެންދާކަން ފާހަގަކުރައްވައި، އެއީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.
މި ސްކޭޓިންގ އެރީނާގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ ސްކޭޓްކުރާ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ބިނާކުރި ތަނެކެވެ.
މި މަޝްރޫއަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.




