ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ނަޖާހު މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ފެނަކައިގެ އެމްޑީ ކަމަށް އައްޔަންކުރި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުންނާއި ޕީސީބީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަޖާހު ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ، ނޮވެމްބަރު 28، 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މުއާޒު މުހައްމަދު ރަޝީދު އެ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކުރީގެ އެމްޑީ މުއާޒު މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެއެވެ.
ނަޖާހަކީ ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައި، 21 އަހަރު ވަންދެން ސިފައިންގޭގައި ވެސް ހިދުމަތް ކުރައްވައިފައެވެ.




