އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން މިއަދު ހުޅުވާލި ހޮރްމޫޒް ކަނޑުއޮޅި، އިސްރާއީލުން ލުބުނާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އަނެއްކާވެސް ބަންދުކޮށްފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފިއެވެ.
މި ކަނޑުއޮޅި ބަންދުކުރަން އީރާނުން ނިންމީ، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއްގެ ދަށުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާއެކު ކަނޑުއޮޅި ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތައް ހުއްޓާލާފައިވަނީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް ހުށަހެޅި 10 ނުކުތާގެ ސުލްހައިގެ ހުށަހެޅުމަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގަތުމާ ގުޅިގެންނެވެ. މި މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުން ހުށަހެޅި މި ހުށަހެޅުމުގައި އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި، އެމެރިކާ ސިފައިން އެ ސަރަހައްދު ދޫކޮށް ދިއުމުގެ އިތުރުން، އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުން ހުރި ނޫސް އޭޖެންސީއެއް ކަމަށްވާ ފާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު އީރާނުގެ ހުއްދައާއެކު ދެ ތެޔޮ ޓޭންކަރަކަށް ދަތުރުކުރުމުގެ ފުރުސަތު ދިން ނަމަވެސް، މިހާރު ވަނީ އިތުރު އުޅަނދުތަކަށް އެ ސަރަހައްދު ބަންދުކޮށްފައެވެ.
އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީން ބުނާ ގޮތުގައި މި ފިޔަވަޅު އެޅީ އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.



